ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހުތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލެއްވި ސަބް-ކޮމިޓީގެ ރިޕޯޓް ދިރާސާކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަހަރުގެ 21 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހުތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލެއްވި ޢާންމު ކޮމިޓީގެ ސަބް ކޮމިޓީގެ ރިޕޯޓް އާންމު ކޮމިޓީއިން ދިރާސާކުރައްވައިފިއެވެ.

މިގޮތުން، ވަކިކަހަލަ ނުރައްކަލެއް މަޖިލީހަށް ކުރިމަތިވެދާނެކަމުގެ ބިރު އުފެދިއްޖެ ހިނދެއްގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިދާނެކަމަށާއި އަދި އެގޮތަށް މަޖިލީހުން ނިންމުމެއް ނިންމޭނީ މަޖިލީހުން ފާސްކޮށްގެންކަމުގައި ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 213 ވަނަ މާއްދާގެ (ބ) އިސްލާޙް ކުރެއްވުމަށާއި އަދި 213 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ކ) އިތުރު ކުރުމަށް އެދި ހުށަހަޅުއްވާފައިވާ އިޞްލާޙާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ (ރިސެސް) ދުވަސްވަރުގައި ޖަލްސާއެއް ބޭއްވުމުގައި ޢަމަލުކުރާނެގޮތް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) އަދި (ޅ) އިތުރުކުރުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަތަށް ކޮމިޓީގެ ހުށަހެޅުންތާކާއި އެއްގޮތަށް ޑްރާފްޓް ކުރެއްވުމަށް މަޖިލީހުގެ އިދާރާގެ ލީގަލް ޓީމާއި ހަވާލުކުރެއްވުމަށް ކޮމިޓީއިން ނިންމެވިއެވެ.

އަދި ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަޙުގީގު ކުރިއަށް ގެންދެވެން ނެތް ޙާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރަން ޖެހިއްޖެ ހިދެއްގައި މެންބަރަކު ހައްޔަރު ކުރާތާ ލަސްވެގެން 15 މިނެޓް ތެރޭގައި މަޖިލީހުގެ ރައީސަށް ނުވަތަ އަމީން ޢާންމަށް އަންގަވަންވާނެ ކަމަށް ބަޔާންކޮށް މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާގެ (ށ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙަމެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ ގިނަ މެންބަރުން ހާޒިރުވެވަޑައިގަންނަވާ ބައްދަލުވުމެއްގައި މިމައްސަލަ ނިންމެވުމަށް، ކޮމިޓީން ނިންމެވިއެވެ.

މިކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު،  ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް އެވެ.