އެމް.ބީ.ސީގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާގެ މައްސަލައާއި މެދު މާލިއްޔަތު ކޮމިޓީގައި މަޝްވަރާކުރައްވައިފި

8 އޮކްޓޯބަރ 2012

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 50 ވަނަ ބައްދަލުވުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ (އެމް.ބީ.ސީ) 2012 ވަނަ އަހަރުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާގެ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެމް.ބީ.ސީއިން މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައިގައި، އެ މުޢައްސަސާއިން ބޭނުންވާ އިތުރު ފައިސާ ހޯދުމުގެ އިންތިޒާމް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީއިން ހަމަޖައްސަވައިދެއްވާފައިނުވާތީ، މި މައްސަލަ ބެއްލެވުމަށް އެދިފައިވެއެވެ. މިކަމާ މެދު މަޝްވަރާ ކުރެއްވުމަށްފަހު ކޮމިޓީން ނިންމެވީ، އެމް.ބީ.ސީގެ ބަޖެޓްގެ ތަފްސީލާއި، އިތުރަށް ބޭނުންވާ ފައިސާގެ ތަފްސީލު އަދި ހިނގަމުންދާ ޚަރަދުތަކުގެ ތަފްސީލު ކޮމިޓީން ހޯއްދެވުމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙައްމަދުއެވެ.