އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ޢާއިލާއަށް މާލީ އިނާޔަތް ދިނުމަށް ޢާންމު ކޮމިޓީއިން ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަހަރުގެ 20 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިގެ 2013 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓު ދިރާސާކުރައްވައި   ސަބް ކޮމިޓީގެ ފަރާތުން ހުށައަޅުއްވާފައިވާ ރިޕޯޓާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ޢާއިލާއަށް މާލީ އިނާޔަތް ދިނުމުގެ ގޮތުން ޑރ. އަފްރާޝީމްގެ ޢަލީގެ މުސާރަކަމުގައިވާ 42،500ރ. އާއި ލިވިން އެލަވަންސަށް ދޭ  20,000ރ.  އޭނާގެ އަނބިކަނބަލުންނަށާއި ތިން ދަރިންނަށް ހަމަހަމަ އަށް ދިނުމަށް މިއަދުގެ ބައްދަލުވުމުގައި ފާސްކުރެވުނެވެ. އަދި ޑރ. އަފްރާޝީމް ޢަލީގެ އާއިލާ އަށް ހެލްތު އިންޝުއަރެންސް ދޭން ވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފާސްކޮށްފައެވެ.

ޑރ. އަފްރާޝީމް ޢަލީގެ އަނބިކަނބަލުންނަށް މާލީ އިނާޔަތްތަކާއި ހެލްތު އިންޝުއަރެންސް ދޭން ނިންމާފައިވަނީ އޭނާ އާ ޒަވާޖީ ހަޔާތެއް ފަށަންދެނެވެ. އަދި ދަރިންނަށް މާލީ އިނާޔަތް ދިނުމަށް ހަމަޖައްސާފައިވަނީ ކޮންމެ ކުއްޖަކަށް ވެސް 18 އަހަރު ފުރެންދެނެވެ.

މިކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އަދި ގެމަނަފުށި ދާއިރާގެ މެންބަރު އިލްޙާމް އަޙުމަދު އެވެ.

ޙާޒިރުވެވަޑައިނުގަންނަވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް،  ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް،ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙްއެވެ.