4 އޮކްޓޯބަރ 2012
މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 49 ވަނަ ބައްދަލުވުމުގައި، ޗައިނީޒް އެގްޒިމް ބޭންކުން ސަރުކާރުން ނަގަން ހަމަޖެހިފައިވާ ލޯނާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ލޯނަކީ 2012 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގައި ހިމެނޭ، 1500 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢުއަށް ހާއްސަކޮށްފައިވާ ލޯނެކެވެ. މި ލޯނުގެ ތަފްޞީލުގެ ތެރެއިން މަދުވާކަމަށް ފާހަގަކުރައްވާފައިވާ މަޢުލޫމާތާއި، ބަދަލުވެފައިވާ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާތީ، މި ތަފްސީލު ބެއްލެވުމުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދެވިއެވެ. ނަމަވެސް މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ކަމަށް ކޮމިޓީން ބުނެ، އެ މަޢުލޫމާތު ހޯއްދެވުމަށް އެދުނެވެ.
އެއަށްފަހު ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތުން އުނިކުރި ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް އަނބުރާ ދިނުމާމެދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމެވިގޮތެއް އަންގަވައި ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅާއިމެދު ކޮމިޓީން މަޝްވަރާ ކުރެއްވިއެވެ. އަދި މިކަމުގައިވެސް އިތުރު މަޢުލޫމާތު ކޮމިޓީން ބޭނުންވާ ކަމަށް ނިންމަވާ، މަޢުލޫމާތު ހޯއްދެވުމަށް އިދާރީ މުވައްޒަފުންނަށް ހަވާލުކުރެއްވިއެވެ.
ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުހައްމަދު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.