ޖިންސީ ކުށުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ޖިންސީ ކުށުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ގެންދަވައިފިއެވެ.

މިގޮތުން ޖުމްލަ 7 މެންބަރުން މިއަދުގެ ޖަލްސާގައި މިބިލަށް ވާހަކަ ދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެބިލުތަކުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެއެވެ. އެއީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ހަނުހުރުމުގެ ޙައްޤުގެ ބިލާއި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލެވެ.

އަދި މިއަދުގެ ޖަލްސާގައި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދެވިއެވެ. މިބިލަށް މިއަފުގެ ޖަލްސާގައި ޖުމްލަ 4 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 4 އޮކްޓޯބަރ 2012 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާގޭގަ އެވެ.

17 ޛުލްޤަޢިދާ 1433

03 އޮކްޓޯބަރ 2012