ރައްޔިތުންގެ މަޖިލީހުން ހެލްތް އިންޝުއަރަންސް ސްކީމް ކަނޑައަޅުއްވާފައިވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރައްވާ މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓާއި ބެހޭ ގޮތުން މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 48 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުން ހެލްތް އިންޝުއަރަންސް ކަނޑައަޅުއްވާފައިވާ ފަރާތްތަކުން ފޮނުވާފައިވާ މައްސަލަ ދިރާސާކުރައްވާ، މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން މައި ކޮމިޓީއަށް ފޮނުއްވާފައިވާ ރިޕޯޓް ބައްލަވާފައިވެއެވެ.

މި ރިޕޯޓާއި މެދު މަޝްވަރާ ކުރެއްވުމަށްފަހު ކޮމިޓީން ނިންމެވީ، ރިޕޯޓްގެ ތަފްސީލުތައް އިތުރަށް ބައްލަވާލެއްވުމުގެ ފުރުސަތު މެންބަރުންނަށް ދިނުމުގެ ގޮތުން، ވަކި ގޮތެއް ނިންމުމުގެ ކުރިން އަދި އެއް ދުވަސް ދިނުމަށެވެ.

މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްއެވެ.