ގާތިލުންގެ ކިބައިން ރައްޔިތުން ސަލާމަތްކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމު މިއަދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ 2 އޮކްޓޯބަރ 2012 ވީ އަންގާރަދުވަހުގެރޭ އަވަހާރަކޮށްލެވުމާގުޅިގެން އެމަރުޙޫމްގެ ޒިކުރާ އާކުރުމުގެ ގޮތުން ދިވެހިރާއްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވީ ޑރ.އަފްރާޝީމު ޢަލީ މި ދުނިޔެއިން ވަކިވެގެންދިޔައީ ހިތްދަތިކަމާއި އަނިޔާވެރިކަމުން ފުރިގެންވާ ޢަމަލަކުންކަމަށެވެ.
“އިންސާނިއްޔަތާ ޚިލާފު މި ހައިވާނީ ޢަމަލު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކު ޕާޓީގެ ނަމުގައި އަޅުގަނޑު ހަރުއަޑުން ކުށްވެރިކުރަން،” ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ. “އަދި އެ މަނިކުފާނުގެ ޢާއިލާގެ އެންމެހައި މެންބަރުންނަށް ކެތްތެރިކަންދެއްވައި އެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުން އެދި ދުޢާކުރަން.”
ޑރ.އަފްރާޝީމު ޢަލީ ޤައުމަށް ކޮށްދެއްވި ގިނަގުނަ ޚިދުމަތްތަކުގެ ތެރެއިން މަޖިލީހުގައި ވޭތުވެދިޔަ ތިން އަހަރުގެ މަސައްކަތް ދުށް މީހެއްގެ ހައިސިއްޔަތުން އެމަރުޙޫމަކީ ކަމަށް ކަމޭހިތްތަވައިގެން ހީވާގިކަމާ އެކު މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ. އަދި ޑރ.އަފްރާޝީމް ޢަލީގެ ޢިލްމީ ޤާބިލުކަމާ އަދި ދިރާސާގެ ހުނަރުގެވެރިކަމުން މަޖިލީހުގެ އެތަކެއް މަސައްކަތްތަކަށް އިތުރު ފުރިހަމަކަމާއި ކުރިއެރުން ލިބިގެން ގޮސްފައިވާކަމަށްވެސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
“ޑރ.އަފްރާޝީމް ޢަލީ، އެ މަނިކުފާނުގެ ޢިލްމީ ޤާބިލުކަމުގެ ފައިދާ ދިވެހި ދަރިންނަށް ފުޅާ ދާއިރާ އެއްގައި ފޯރުވަމުން ގެންދެވި ކަމީ ފެންނަން އޮތް ޙަޤީޤަތެއް،” ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ. “އަދި އެއީ ފޮހެވިގެންނުދާނޭ ޤައުމީ ޚިދުމަތެއް. އެ މަނިކުފާނަކީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް، ކެރިގެން ވިދާޅުވަމުން ގެންދެވި ބޭފުޅެއް. ކެރިގެން އެ ކަމުގައި ބަހުސްކުރެއްވި ބޭފުޅެއް. އަދި އެކަންކަން ފާޅުގައި ހާމަކުރެއްވި ކެރޭ ބޭފުޅެއް. ޚިޔާލުތަފާތުވާ ވަގުތުތަކުގައި ވެސް، ޚިޔާލުތަފާތުވާ ބޭފުޅުންނާ ވެސް އެއްވެސް ކަހަލަ ޒާތީ ތަޢައްޞަބެއް ނުބާއްވައި އޯގާތެރިކަމާއި ހިތްހެޔޮކަމާ އެކު މަސައްކަތްކުރެއްވި ބޭފުޅެއް.”
ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވީ ދީނީ ގޮތުން ވެސް، ސިޔާސީ ގޮތުން ވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް ޚިޔާލުތަފާތުވުމަކީ އަނިޔާވެރިކަން އިސްކޮށްގެން ހައްލުކުރެވޭނޭ ކަންކަމެއް ނޫންކަމަށެވެ.
“ޤައުމަށް ގެއްލި އެ ދިޔައީ އަގުހުރި ދަރި އެއް. ބޮޑުވެގެންވާ ޢިލްމީ ރައުސްމާލެއް. އަޅުގަނޑުމެންނާ ވަކިވެ އެ ދިޔައީ ހިތްހެޔޮ ރަހުމަތްތެރި އެއް.” ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.