ޖިނާޢީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ޓަކައި ކުރެވެންހުރި ބައިވަރު މަސައްކަތްތައް އެބަހުރިކަމަށާއި މިގޮތުން ދައުލަތުގެ ހުރިހާ މުއައްސަސާތަކުންނާއި މަޖިލީހުގެ ތެރެއިން ވެސް ކުރެވެންހުރި މަސައްކަތްތައް އެބަހުރިކަމަށް ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީނު ޢަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ 2 އޮކްޓޯބަރ 2012 ވީ އަންގާރަދުވަހުގެރޭ އަވަހާރަކޮށްލެވުމާގުޅިގެން އެމަރުޙޫމްގެ ޒިކުރާ އާކުރުމުގެ ގޮތުން ދިވެހިރާއްޔިތުންގެ ޕާޓީގެ ފަރާތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީނު ޢަލީ ވިދާޅުވީ ތަކުރާރުކޮށް ދިމާވަމުން މިދާ ހިތާމަވެރި މަރުގެ ހާދިސާތަކާއި ބޮޑެތި މާރާމާރީތައް ހުއްޓުވުމަށް ޓަކައި ކުރެވެންހުރި މަސައްކަތްތައް ކުރަންޖެހިފައިވާކަމަށެވެ.
“މިފަދަ ހިތާވެރި ދަނޑިވަޅެއްގައި އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ މީގެ ކުރިން ވެސް ވާހަކަފުޅުދެއްކެވި ޢިއްޒަތްތެރި މެންބަރުން ވިދާޅުވި ފަދައިން، އަޅުގަނޑުމެން މިކަން ކުށްވެރިކުރުމާ އެކު މިފަދަ ހިތާމަވެރި ޢަމަލުތައް ތަކުރާރުވިޔަނުދިނުމަށް،” ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވީ މިފަދަކަންތައްތައް ތަކުރާރުވިޔަނުދިނުމަށް ޓަކައި ކަމާ ބެހޭ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކާ ވާހަކަދައްކައިގެން މަޖިލީހުގެ ތެރެއިން އިތުރަށް ކުރަންހުރި ކަންތައްތައް ތަރުތީބުކޮށް، އިސްކަންދޭ ކަންތައްތަކެއް ކަނޑައަޅައި، އެ ކަންތައްތައް ނިންމުމަށް ތާރީޚުތަކެއް، މުއްދަތުތަކެއް ކަނޑައަޅައި، އެ މުއްދަތުތަކުގެ ތެރޭގައި އެ ކަންތައްތައް ނިންމުމަށް ޢަޒުމު ކަނޑައަޅަންޖެހޭ ކަމަށެވެ.
އަދި ޑރ.އަފްރާޝީމު ޢަލީ އަވަހާރަކޮށްލި ކޮށްލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށާއި މި ހިތާމަވެރި ދަނޑިވަޅުގައި ޑރ.އަފްރާޝީމު ޢަލީގެ އަނބިކަނބަލުންނަށާއި ތިން ބޭފުޅުންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ އެންމެހައި ބޭފުޅުންނަށާއި އެކުވެރިންނަށް އިޚްލާޞްތެރިކަމާ އެކު ތަޢުޒިއާ ދަންނަވާކަމަށް ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
“އެހެން ޢިއްޒަތްތެރި މެންބަރުން ވެސް ފާހަގަކުރެއްވި ފަދައިން ޑޮކްޓަރ އަފްރާޝީމު ޢަލީ އަކީ ވަރަށް އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތްކުރެއްވި އެކުވެރި ރަހުމަތްތެރި ބޭފުޅެއް،” ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ. “އަޅުގަނޑުމެން އެންމެންނާ އެކީގައި ގުޅިގެން މަސައްކަތްކުރެއްވި ބޭފުޅެއް. އެ މަނިކުފާނު އެ ޤަބޫލުފުޅުކުރައްވާ އުސޫލުތައް ދެމެހެއްޓުމަށް ޓަކައި، އެ އުސޫލުތައް ކުރިއެރުވުމަށް ޓަކައި ވަރަށް ބުރަކޮށް، ހީވާކަމާ އެކީގައި ކެރިގެން މަސައްކަތްކުރެއްވި ބޭފުޅެއް. އެ މަނިކުފާނު އަވަހާރަކޮށްލުމުން އަޅުގަނޑުމެންނަށް ގެއްލިގެން އެ ދިޔައީ، އާދެ! ދިވެހި ޤައުމަށް ގެއްލިގެން އެ ދިޔައީ، މި މަޖިލީހަށް ގެއްލިގެން އެ ދިޔައީ ވަރަށް އަގުހުރި ދިވެހި ދަރިއެއް.”
ޑރ.އަފްރާޝީމް ޢަލީ އަކީ މަޖިލީހުގެ މަސައްކަތުގައި ވެސް ވަރަށް ބޮޑަށް ޝާމިލުވެވަޑައިގެން ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅެއްކަމަށާއި ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލުން އެއީ މަޖިލީހުގެ މަސައްކަތަށް ވެސް ލިބިގެންދިޔަ އުނިކަމެއް ކަމުގައި ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.