ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވާތީ އެކަން އިންޓަރ-ޕާލަމަންޓަރީ ޔޫނިއަންއިން ކުއްވެރިކޮށްފި

2 އޮކްޓޯބަރ 2012 ވީ އަންގާރަދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމަށް ދެވުނު ރަޙުމުކުޑަ ޙަމަލާ ކުއްވެރިކުރައްވާ، އިންޓަރ-ޕާލަމަންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) އިން ނޫސްބަޔާނެއް ނެރެފިއެވެ.

މި ރަޙުމުކުޑަ ހަމަލާއަކީ، ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ހިނގާފައިވާ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާ، މިފަދަ އަނިޔާވެރި ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓުވުމަށް އައި.ޕޫ.ގެ ނޫސްބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަށް މަރުގެ އިންޒާރުތައް އެކި ފަރާތްތަކުން ރައްދުކުރަމުންދާ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށާ، މި ކަމާމެދު ކަންބޮޑުވާކަން އައި.ޕީ.ޔޫއިން ބުނެފައިވެއެވެ.

މި ފަދަ އިންޒާރުތަކާއި، ރާއްޖޭގައި އުފެދިފައިވާ ބިރުވެރި މާހައުލުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން އައި.ޕީ.ޔޫގެ ކޮމިޓީ އޮން ދި ހިއުމަން ރައިޓްސް އޮފް ޕާލަމެންޓޭރިއަންސްގެ މެންބަރު ކަމަށް ރަޖިސްޓަރ ކޮށްފައިވާކަން އައި.ޕީ.ޔޫގެ ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެ ބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އައި.ޕީ.ޔޫއިން އެ ބޭފުޅުން މޮނިޓަރ ކުރަން ނިންމާފައިވާ ކަމަށާ، ރާއްޖޭގައި އުފެދޭ މައްސަލަތައް ވަރަށް ގާތުން ބަލާނެ ކަމަށް ނޫސްބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް އައި.ޕީ.ޔޫގެ ސެކެޓްރީ ޖެނެރަލް އެންޑަރސް ބީ. ޖޯންސަން ގޮވާލައްވާ، މިހާރު ކޮމިޓީ މަރުޙަލާގައިވާ އިމްތިޔާޒުގެ ބިލުގެ މަސައްކަތް ވީ އެންމެ އަވަހަަށް ނިންމުމަށް ބާރުއަޅުއްވާފައިވެއެވެ.

ބޭރުގެ ހައި ކޮމިޝަންތަކުންނާއި، ބޭރުގެ އެހެނިހެން ޖަމުޢިއްޔާތަކުންވެސް މި ފިނޑި އަމަލު ކުށްވެރިކޮށް މިކަމަށް މަޖިލީހަށް ތަޢުޒިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.