ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ 2 އޮކްޓޯބަރ 2012 ވީ އަންގާރަވިލޭރޭ އަވަހާރަކޮށްލާފައިވާތީ އެމަރުޙޫމުގެ މައްޗަށް ހެޔޮ ދުޢާކޮށް ޒިކުރާ އާކުރުމުގެ ވަގުތުކޮޅެއް ގެންނަވައިފިއެވެ.
އެމަރުޙޫމުގެ ޒިކުރާ އާކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކޮންމެ ސިޔާސީ ޕާޓީއަކުން މެންބަރަކު، އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ފަރާތުން މެންބަރަކު ވާހަކަ ދައްކަވާފައިވެއެވެ. މިގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާހަކަ ދެއްކެވީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވީ ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީނު ޢަލީ، ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ޕީޕަލްސް އެލަޔަންސް ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ޤައުމީ ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އަދި ވަކިޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ތެރެއިން ވާހަކަ ދެއްކެވީ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު އެވެ.
އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީއަށް އަނިޔާވެރިވެރިގޮތަކަށް ހަމަލާދީ އަވަހާރަކޮށްލާފައިވަނީ ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ހ. ފުންވިލް ގައެވެ. އަވަހާރަކޮށްލެވުނުއިރު އުމުރުފުޅަކީ 46 އަހަރެވެ.
ޑރ.އަފްރާޝީމް ޢަލީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވަން ފެއްޓެވީ 28 މޭ 2009 ގައެވެ.
17 ޛުލްޤައިދާ 1433
03 އޮކްޓޯބަރ 2012