ރައްޔިތުންގެ މަޖިލީހުން ހެލްތް އިންޝުއަރަންސް ސްކީމް ކަނޑައަޅުއްވާފައިވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރައްވަން ހޮއްވެވި ސަބް-ކޮމިޓީގެ 7 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ
މި ބައްދަލުވުމުގައި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރައްވާ ކޮމިޓީން ދިރާސާކުރައްވައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ގޮތުގެ ރިޕޯޓުގައި ހެލްތް އިންޝުއެރަންސް ޕްރީމިއަމްއާއި ގުޅޭ ގޮތުން ހިމަނުއްވާފައިވާ ރިކޮމެންޑޭޝަން، 28 ޑިސެމްބަރު 2010 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފާސްކުރައްވާފައިވާ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑުގައި ކަނޑައަޅުއްވާފައިވާ ހެލްތް އިންޝުއަރަންސް ސްކީމްއާއި ތަޢާރުޒުވާކަމަށް ވިދާޅުވެ މިނިވަން މުއައްސަސާތަކުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު، މި ޚިދުމަތް ފޯރުކޮށްދިނުމަށް އެލައިޑް އިންޝުއަރަންސްއިން ދެއްވި ހިޔާލުތަކަށް ރިޢާޔަތްކުރައްވާ، މި މައްސަލައާއި ބެހޭ ރިޕޯޓް ސަބް-ކޮމިޓީން ފައިނަލް ކުރެއްވިއެވެ.
މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުއެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހާޒިރުވެވަޑައެއްނުގަނެއެވެ.