ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީގެ މިއަހަރުގެ 3 ވަނަ ބައްދަލުވުމުގައި، ކޮމިޓީ އަލުން އެކުލަވާލައްވާފައިވާތީ، ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮވުމުގެ ފުރުސަތު ހުޅުވާލުމުން، ހުށަހަޅުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން މުޤައްރިރު ކަމުގެ މަޤާމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އިއްތިފާޤުން ހޮވިވަޑައިގެންފިއެވެ. އަދި ނައިބު މުޤައްރިރު ކަމުގެ މަޤާމަށް އިއްތިފާޤުން ހޮވިވަޑައިގެންނެވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤު މުފީދުއެވެ.

ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ކަމުގެ މަޤާމަށް މަޖިލީހުގެ މެޖޯރިޓީ ގްރޫޕާއި މައިނޯރިޓީ ގްރޫޕް ތަމްސީލު ކޮށްދޭ ދެ ބޭފުޅުން ހޮވިވަޑައިގަތުމުން، އެ ކަމަށް މަރުޙަބާ ދަންނަވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ. އަދި ކޮމިޓީގެ މުހިންމު މަސައްކަތްތައް ފާހަގަކުރައްވާ، މަސައްކަތް އެންމެ ހަލުވިގޮތުގައި ނިންމަވާލެއްވުމަށް މުޤައްރިރު އެދިވަޑައިގެންނެވިއެވެ.

ބައްދަލުވުމަށް ހާޒިވެވަޑައިގެން ބޭފުޅުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤު މުފީދު، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒް، މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައި ނުވާއިރު ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުންނެވީ މަޖިލިސް ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.