ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާ މާދަމާ އޮންނާނެ

ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާ މާދަމާާ ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮންނާނެއެވެ.

މިޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، އެ ބޯޑުން މަދުވެފައިވާ މެންބަރުންގެ ބަދަލުގައި މެންބަރަކު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅާއި އެ ސިޓީފުޅާއެކު ފޮނުއްވާފައިވާ ލިސްޓުގައިވާ ނަންފުޅުތައް މަޖިލީހަށް އިއްވައި، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ ހިމެނެ އެވެ.

މީގެއިތުރުން މަޖިލީހަށް ތަޢާރަފުކުރަންޖެހޭ 2 ޤަރާރެއްގެ ސުރުޚީ މަޖިލީހަށް އިއްވުން އެޖެންޑާ ކުރެވިފައިވެ އެވެ. އަދި 8 ބިލަކާއި ޤަރާރެއްގެ އިބްތިދާއީ ބަހުސް ކުރެއްވުމަށް ތާވަލްކުރެވިފައިވެ އެވެ.

އެޖެންޑާކުރެވިފައިވާ އިތުރު ކަންތައްތަކުގެތެރޭގައި ނުނިމިހުރި މަސައްކަތުގެ ގޮތުގައި 3 ބިލެއްގެ ބަހުސް ހިމަނާފައިވެ އެވެ. އަދި ކޮމިޓީތަކުން ހުށަހަޅާ ކަންކަންމުގެ ގޮތުގައި 10 ކަމެއް އެޖެންޑާކުރެވިފައިވެއެވެ.

14 ޛުލްޤައިދާ 1433

30 ސެޕްޓެމްބަރ 2012