ދައުލަތުގެ މުސާރައާއި ސިޔާސަތުގެ ބިލު ދިރާސާ ކުރެއްވުމުގެ މަސައްކަތް އިޤްތިޞާދީ ކޮމިޓީން ކުރިއަށްގެންދަވައިފި

މިއަދު ބޭއްވި އިޤްތިޞާދީ ކޮމިޓީގެ 23 ވަނަ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ މުސާރައާއި ސިޔާސަތުގެ ބިލުގެ 4 ވަނަ މާއްދާ އިން ފެށިގެން ދިރާސާކުރައްވާ، މަޝްވަރާ ކުރައްވާފައިވެއެވެ.

މި ގޮތުން، ދައުލަތުގެ މުސާރައާއި ސިޔާސަތުގެ ބިލު ދިރާސާކުރެއްވުމުގައި، ދިވެހި ރާއްޖޭގެ ދަރަނިތައް ބޮޑުވަމުން ދާއިރު، އިޤްތިސާދުގެ ޙަޤީގަތައް ވިސްނަވައި ދައުލަތުގެ ބަޖެޓަށް ދަތިނުވާ ގޮތަށް، ދިވެހި ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމުގައި، ‘ޕްރޮފެޝަނަލް މިންގަޑެއް’ ކަނޑައެޅުމަށް މަޝްވަރާކުރެއްވުނެވެ.

އަދި އެއަށްފަހު ބިލުގެ 9 ވަނަ މާއްދާގައިވާ ޕޭ ކޮމިޝަން އެކުލަވާލުމުގައި، މަޖިލިސް އިދާރާގެ ފަރާތުން ހުށަހަޅާފައިވާ އިސްލާޙުތަކައް ބައްލަވައި، އެކަމާމެދު މަޝްވަރާކުރެއްވުމަށްފަހު، ނިންމެވީ މަޖިލިސް އިދާރާގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙުތައް ބެއްލެވުމަށްފަހު ކުރިއަށް އޮތް ބައްދަލުވުމުގައި މި ގަވާއިދު އިތުރަށް ދިރާސާކުރެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ 2012 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެންދުނު 10:30 އިން ފެށިގެން 11:30 އަށެވެ. މި ބައްދަލުވުމަށް 5 މެންބަރުން ހާޒިރުވެވަޑައިގެންފައިވެއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މުޤައްރިރު ކިނިބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް، އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް،އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު އަދި ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުﷲ ޤަފޫރުއެވެ.

ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ގޮލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް  އަދި އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުއެވެ.

9 ޛުލްޤައިދާ 1433

25 ސެޕްޓެމްބަރ 2012