މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަހަރުގެ 16 ވަނަ ބައްދަލުވުމުގައި، ކޮމިޓީ އަލުން އެކުލަވާލައްވާފައިވާތީ ކޮމިޓީގެ ހިންގާ ގަވައިދު ފާސްކުރެއްވުމަށް ހުށަހެޅުއްވުމުން ވޯޓްދެއްވި މެންބަރުންގެ އަޢްލަބިއްޔަތުން ކޮމިޓީގެ ހިންގާ ގަވައިދު ފާސްވެއްޖެއެވެ.
މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސް 3 މަޤާމު ކަމުގައިވާ އަމީން އާންމުގެ ނައިބު، އިންޓަރނަލް އޮޑިޓަރ އަދި ޕާރލަމެންޓް ހެޑް ގެ މަޤާމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނާއި އިންޓަވިއު ކުރެއްވުމަށްފަހު މާރކްސް ދެވިފައިވާ ގޮތުގެ މައްޗައް ސަބްކޮމިޓީން އެކުލަވާލި ރިޕޯޓް އާންމު ކޮމިޓީން ބެއްލެވިއެވެ. އެގޮތުން އަމީން އާންމުގެ ނައިބުގެ މަޤާމަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވާ އަލްއުސްތާޛާ ފާތިމަތު ނިއުޝާ އެ މަޤާމަށް ހަމަޖެއްސެވުމަށާއި، އަދި އިންޓަރނަލް އޮޑިޓަރގެ މަޤާމަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި އަލްފާޟިލާ ޚަދީޖާ ޙުސައިން އެމަޤާމަށް ހަމަޖެއްސެވުމަށް އެންމެ ރަނަގަޅުކަމަށް ސަބްކޮމިޓީގެ ރިޕޯޓްގައި ބަޔާން ކޮށްފއިވެއެވެ. ނަމަވެސް ހެޑް ޕާލަމެންޓްރީގެ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީން ކަނޑައެޅި މިންވަރަށް އެ މަޤާމަށް ކުރިމަތިލެއްވި އެއްވެސް ބޭފުޅަކަށް މާކްސް ލިބިވަޑައިގެންފައިނުވުމުން، އެ މަޤާމަށް ޤާބިލް ބޭފުޅަކު އިންޓަވިއުކުރެވުނު ބޭފުޅުންގެ ތެރޭގައި ނެތްކަމަށް ކަނޑައަޅައި، އަލުން މަޤާމަށް އިޢުލާންކުރުމަށްވެސް ސަބްކޮޓީގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ. އާންމު ކޮމިޓީންވަނީ، ސަބްކޮމިޓީގެ މި ރިޕޯޓް އެންޑޯސް ކުރުމަށް ނިންމަވާފައެވެ.
މީގެ އިތުރުން އެލައިޑް އިންޝިއުރެންސްއިން ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތް އިންޝިއުރެންސް ޕެކޭޖް ހިމެނޭ ޕްރޮޕޯސަލްއާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާ، މި މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް ސަބްކޮމިޓީއެއް އެކުލަވާލާ ފޮނުއްވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2013 ވަނަ އަހަރަށް އަންދާޒާ ކުރެވޭ ބަޖެޓްއާއި ބެހޭ ގޮތުން މަޝްވަރާކުރައްވާ، އިދާރާގެ ބަޖެޓް ސެކްޝަންގެ މުވައްޒަފުންނާއި މާދަމާ ބައްދަލުކުރައްވާ މި ކަންތައް ދިރާސާކުރެއްވުމަށް ނިންމެވިއެވެ.
މިއަދުގެ ބައްދަލުވުމަށްފަހު، މަޖިލީހުގެ މެންބަރުންގެ ހެލްތް އިންޝިއުރެންސް ޕެކޭޖް ހިމެނޭ ޕްރޮޕޯސަލް އިތުރަށް ދިރާސާކުރެއްވުމަށް އެކުލަވާލި ސަބްކޮމިޓީ ބައްދަލުވުން ވަނީ ބާއްވަވާފައެވެ. މި ބައްދަލުވުމުގައި މި މައްސަލައާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެލައިޑް އިންޝިއުރެންސް ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ބައްދަލުވުމަށް ހާޒިވެވަޑައިގެން ބޭފުޅުންނަކީ މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް، އަދި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒްއެވެ.