ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވައިދު ދިރާސާކުރެއްވުމުގެ މަސައްކަތް ގަވައިދު ކޮމިޓީން ކުރައްވައިފި

މިއަދު ބޭއްވި ގަވައިދު ކޮމިޓީގެ 21 ވަނަ ބައްދަލުވުމުގައި ތަފާސްހިސާބުގެ ގަވައިދު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ.މިއަދުގެ ބައްދަލުވުމުގައި ތަފާސްހިސާބުގެ ގަވައިދުގެ 10 ވަނަ މާއްދާއިން ފެށިގެން 13 ވަނަ މާއްދާގެ (ހ) ގެ ހަމައަށް ދިރާސާކުރައްވާފައިވެއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މުޤައްރިރު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުލްރަޙީމް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤް ޙަސަން، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާޙީމް މުއްޠަލިބް، އަދި އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމްއެވެ.

 އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ހާޒިރުވެވަޑައެއްނުގަންނަވައެވެ.