އޮޑިޓް އޮފީހުގެ 2012 ވަނަ އަހަރުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ދިނުމަށް އެ އޮފީހުން އެދިފައިވާތީ، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ފައިސާ ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމަވައިފި

މިއަދު 13:15 އިން 13:53 އަށް ބޭއްވުނު މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 44 ވަނަ ބައްދަލުވުމުގައި، މާލިއްޔަތު ޤާނޫނަށް ގެންނަވާފައިވާ އިސްލާޙްއާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތައް ނުކުރެވި ހުއްޓިފައިވާ ކަމަށް ބުނެ، އަދި މިކަމުގައި އަމަލު ކުރަންވީ ގޮތުގެ ލަފައަކަށް އެދި އެ މިނިސްޓްރީއިން ފޮނުއްވާފައިވާ ސިޓީ ބައްލަވާ އެކަމާއި މެދު މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި ސިއްޙީ ފަރުވާ ދިނުމުގެ ވަސީލަތްތައް ކުރި އަރުވާ ރާއްޖެއިން ނުލިބޭ ޙިދުމަތްތައް ތަޢާރަފްކޮށް ތަރައްޤީ ކުރުމަށްޓަކައި، އޭ.ޑީ.ކޭ ހޮސްޕިޓަލުން ހުށަހަޅުއްވާފައިވާ މަޝްރޫޢުގައި ހިމެނޭ ހިއުމަން ރިސޯސް ކޮމްޕޮނެންޓް ފުރިހަމަ ކުރުމަށް މާލޭ ހެލްތް ސެންޓަރ ހުރި ބިން އޭ.ޑީ.ކޭއަށް ދިނުމުގައި އަމަލު ކުރަންވީ ގޮތުގެ ލަފައަކަށް އެދި ފިނޭންސް މިނިސްޓްރީން ފޮނުއްވާފައިވާ ސިޓީފުޅާއި މެދު ވެސް މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. މި ދެ މައްސަލަ ސަރުކާރުގެ ތެރެއިން ހައްލުކުރުމަށް އެންގެވުމަށް ނިންމަވާ، މި މައްސަލަ އަނބުރާ މިނިސްޓްރީއަށް ފޮނުވާލުމަށް ކޮމިޓީން ނިންމެވިއެވެ.

އެއަށްފަހު އޮޑިޓް އޮފީހުގެ 2012 ވަނަ އަހަރުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއާއި ގުޅޭ ގޮތުން އެ އޮފީހުން ފޮނުއްވާފައިވާ ސިޓީތައް ބައްލަވާ އެކަމާއި ބެހޭ ގޮތުންވެސް މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރިއަށްގެންދެވިއެވެ. އަދި ބަޖެޓް އެކުލަވާލުމަށްފަހު ހަމަޖެހިފައިވާ އުސޫލުގެ މަތީން، އެ އޮފީހުން އެދިވަޑައިގެންފައިވާ މިންވަރަށް ފައިސާ ދިނުމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މެންބަރުންނަކީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، މުލަކި ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.