ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ ރައީސް އަލްފާޟިލާ މަރިޔަމް އަޒުރާ އާއި ކޮމިޝަނުގެ މެންބަރުން ކަމުގައިވާ އަލްފާޟިލް އަޙްމަދު ޠޮލާލް އަދި އައްޝެއިޙް އަޙްމަދު އަބްދުލް ކަރީމް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޞިލް އަބްދުﷲ ޝާހިދު އާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ކުރިއަށް ގެންދެވުމުގައި ކުރިމަތިވެފައިވާ ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާތައް ކުރެވިފައިވެއެވެ. މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި، މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކަށް އަލިއަޅުވާލައްވާ ވާހަކަދެއްކެވުމަށްފަހު، މިކަމަށް ހައްލެއް ހޯއްދެވުމަށް ޕާޓީތަކުގެ  މެދުގައި މިހާރު މަޝްވަރާތައް ކުރިއަށްގެންދަވާކަމުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ކަންތައްތަކަށް އަވަސް ހައްލެއް ހޯއްދެވުމުގައި އެޗް.އާރް.ސީ.އެމްއިން އަދާކުރެވިދާނެ ދައުރާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.