މިއަދު ބޭއްވުނޫ ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.
މިގޮތަށް ފާސްކުރެއްވުމަށް ވޯޓް ދެއްވީ 48 މެންބަރުންނެވެ.
ގަވާއިދު ކޮމިޓީގެ މުޤައްރިރު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު ހުށަހެޅުއްވި ރިޕޯޓުގައި، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދަތަކަށް ޢަމަލުކުރުމުގެ މުއްދަތު ވަނީ އޭޕްރީލް 2013 ގެ ނިޔަލަށް އިތުރުކުރެވިފައެވެ.
މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވާފައިވަނީ ހެނދުނު 10:30 އިން 10:45 އަށެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދެވެ.
17 ރަމަޟާން 1433
5 އޯގަސްޓް 2012