ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ ލީޑަރުންގެ މެދުގައި 3 އޮގަސްޓް 2012 ވީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުނު ބައްދަލުވުމުގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމަށް 13 ޑިސެމްބަރު 2011 ގައި ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްދެއްވި މުއްދަތު 05 އޮގަސްޓް 2012 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ހުރިހާ ޕާޓީތަކުން އެއްބާރުލުން ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސަށް ޔަގީންކަން ދެއްވާފައިވާތީ ސިޔާސީ ޕާޓީ ތަކަށާއި މަޖިލީހުގެ ހުރިހާ މެންބަރުންނަށް މަޖިލީހުގެ ރައީސް ޝުކުރު ދަންނަވައެވެ.
މާދަމާގެ ނިޔަލަށް މުއްދަތު ހަމަވާ ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައިވާ ގަވާއިދުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ އަދި މަދަނީ ޙައްޤުތަކާއި، ރައްޔިތުންނަށް ލިބިދޭންޖެހޭ މަންފާތަކާ ސީދާ ގުޅުންހުރި ގަވާއިދުތަކެއް ކަމަށާއި އެ ގަވާއިދުތަކަކީ ދައުލަތުގެ އެކިއެކި މުއައްސަސާތައް ހިންގުމަށް ބޭނުންވާ އިޖުރާއާތުތަކާއި އުސޫލުތަކާ ސީދާ ގުޅުންހުރި މުހިންމު ގަވާއިދުތަކެއްކަމަށާއި އަދި އެ ގަވާއިދުތަކުގެ ތެރޭގައި އަދުލު އިންޞާފު ޤާއިމްކުރުމަށް ބޭނުންވާ ގަވާއިދުތަކާއި، އިޤްތިޞާދީ، އިޖްތިމާޢީ، އަދި ތަޢުލީމުގެ ދާއިރާ ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، ސިޔާސީ ޕާޓީތައް ހިންގުމަށް ބޭނުންވާ ގަވާއިދުވެސް ހިމެނޭކަމަށްޓަކައި މިގަވައިދު ތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެކެވެ.
މަޖިލީހުގެ ޖަލްސާތައް މިހާރު ނުބޭއްވިވަނީ މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ އަމާން މާޙައުލެއް ޤާއިމުވެފައި ނެތުމުންނެވެ. އަދި މިފަދަ މާޙައުލެއް ޤާއިމުކުރެވޭނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްގެންގޮސްގެން ކަމުގައި މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވައެވެ. އެހެންކަމުން މާދަމާގެ ޖަލްސާއަށް ފަހުވެސް މިދައުރުގެ ބާކީ މިއޮތް ދުވަސްތަކުގައި ޖަލްސާތައް ބޭއްވޭނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުން މަޝްވަރާކޮށް މަޖިލީހުގެ ސުލޫކުގެ ގަވައިދާއި މަޖިލީހުގެ އިމްތިޔާޒުގެ ބިލާއި މަޖިލީހުގެ ގަވައިދަށް ގެންނަންޖެހޭ އިސްލާހުތަކާއި މަޖިލިސް ކުރިއަށްގެންދިއުމަށްޓަކައި ސިޔާސީ ޚިޔާލު ތަފާތުވުންތައް ހައްލުކުރުމަށް ސިޔާސީޕާޓީތަކުން ހުށަހަޅާ ކަންކަމާމެދު ޕާޓީތަކުގެ މެދުގައި ބޭއްވޭ މަޝްވަރާތަކަކުން އެއްބަސްވުންތަކަކަށް އާދެވިގެންކަމުގައި މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވައެވެ.
ވޭތުވެދިޔަ ދުވަސްތަކުގެ ތަޖުރިބާ އަށް ބަލާއިރު މިފަދަ ކޮންމެ ކަމެއްގައިވެސް ޙައްލުތައް ނެރެދެއްވުމުގެ ޤާބިލުކަން މަޖިލީހުގެމެންބަރުންގެ ކިބައިގައި އެބަހުރި ކަންވަނީ ސާބިތުވެގެން ގޮސްފައެވެ. އަދި އިޚްލާސްތެރިކަމާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސް ދެއްވައި ވީ އެންމެ އަވަސް ފުރުސަތެއްގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ މާޙައުލެއް ޤާއިމުކޮށްދެއްވުމަށްވެސް މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވައެވެ.
16 ރަމަޟާން 1433
4 އޯގަސްޓް 2012