މަޖިލީހުގެ ނިޒާމު ގެއްލި ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅެމުންދާ މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް، މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އަމާން މާޙައުލެއް ކަށަވަރު ކުރެވެން ނެތުމާއި، ފަހަކަށްއައިސް މަޖިލީހުގެ ޖަލްސާތައް ނިޒާމް ގެއްލިގެން ހުއްޓާލަން ޖެހިފައިވުމުން މިކަމާގުޅޭގޮތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި ސުލްޙަވެރިކަމާއެކު ޚިޔާލު ތަފާތުވުންތައް އެއްގޮތް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި، މެޖޯރިޓީ ލީޑަރ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި މައިނޯރިޓީ ލީޑަރ މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތަކުގައި ވާހަކަދެއްކިފައިވަނީ މިމައްސަލަތައް ޙައްލުކުރުމަށް މެންބަރުންގެ ސުލޫކު ގަވައިދު، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އިމްތިޔާޒް ޤާނޫނު އަދި މަޖިލިސް ގަވައިދަށް ބައެއް އިޞްލާޙުތައް އަވަސްކޮށް އެއްބަސްވުމަށް އައުމާއި މެދުގައެވެ.

މިހާރު ކުރިއަށް މިގެންދަވާ މަޝްވަރާތައް ކާމިޔާބުކުރުމުގައި ހުރިހާ ފަރާތުގެ އެއްބާރުލުން ލިބުން މުހިއްމުކަމުގައި ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ މަޝްވަރާތަކުން ހެޔޮ ނަތީޖާތަކެއް ފެނި، އަވަސް ފުރުސަތެއްގައި ޖަލްސާތައް ފެށޭނެކަމުގައި އުއްމީދުކުރައްވާކަމަށެވެ.