މިއަދު ހެނދުނު 10:53 ން 12:00 އަށް ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 41 ވަނަ ބައްދަލުވުމުގައި، މިއަހަރުގެ މާރޗް މަހު މަޖިލީހުގެ ކޮމިޓީތައް އާދައިގެ މަތިން ބާއްވާފައި ނުވާތީ، އެ މަހަށް މެންބަރުންނަށް ކޮމިޓީ އިނާޔަތް ދިނުމާއި ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭ.ސީ.ސީ) ފޮނުއްވާފައިވާ ސިޓީ ބައްލަވާ އެކަމާއި މެދު މަޝްވަރާކުރައްވައިފިއެވެ. މިކަމުގައި ކައުންސިލް ޖެނެރަލްގެ ލަފާފުޅެއް ހޯއްދަވާ، އަދި އޭ.ސީ.ސީ އިން ކޮމިޓީތަކުގެ ޔައުމިއްޔާއަށް އެދިވަޑައިގެންފައިވާތީ، އެ ޔައުމިއްޔާތައް އެ ކޮމިޝަނަށް ފޮނުއްވުމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހިންގަވަމުންދާ ބޮޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމު ކުރުމުގެ މަސައްކަތް މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާއި ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ، އެ މަސައްކަތް ހުއްޓުވަން އޭ.ސީ.ސީ އިން މަސައްކަތްކުރަމުންދާއިރު، ނެކްސްބިޒުން އެ މަސައްކަތުގެ ބޮޑު ބައި ނިންމާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، މާލިއްޔަތު ކޮމިޓީން މި މައްސަލަ ބެއްލެވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާއި ގުޅިގެންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ބައެއް ސަބް-ކޮމިޓީތައް އަލުން އެކުލަވާލައްވާ އެމަސައްކަތް ނިންމެވިއެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ބޭފުޅުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ހުޅު-މީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނު އަބްދުލް ޤައްޔޫމް އެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުންނެވީ ޗުއްޓީގައެވެ.
