މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހި ރައްޔިތުންނަށް ދޭންފަށާފައިވާ ހެލްތް އިންޝުއެރެންސް “އާސަންދަ” ކުރިޔަށް ގެންދެވޭނެކަމާމެދު ސުވާލު އުފެދި ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ފަޅުހެދުމާއި ބޯ ހިޔާވަހިކަމާއި މަގުހެދުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދެވޭނެ މަގެއް ނެތުމާއެކު ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ކުރާހޭދަ ހުއްޓާލުމުގެ ޤަރާރުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދަވަނިކޮށް ޖަލްސާގެ ނިޒާމްގެއްލުމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ)ގެ ދަށުން ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދުގެ ނަން އިއްވަވައި ޖަލްސާ މެދުކަނޑާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އިންޒާރުކުރުމުންވެސް، އެ މެންބަރަކު ކިޔަމަންނުވެއްޖެނަމަ، މަޖިލީސް ދޫކޮށްފައި ދިޔުމަށް އެ މެންބަރަކަށް އެންގެވުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންވެއެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގަންނަވަންދެން ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުންގެންދަވަނީ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެވެ.
11 ރަމަޟާން 1433
30 ޖުލައި 2012