ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަންދުކުރުމުގައި މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް އަމަލެއް ނުކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިކަމަށް ބައެއް މީޑިއާގައި ލިއުއްވާފައިވާ ޚަބަރާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޞިލް ޢަބްދުﷲ ރިޔާޟަށް މަޖިލީހުގެ ރައީސް މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.
މަޖިލީހުގެ ރައީސް ކޮމިޝަނަރ އަށް ފޮނުއްވި ސިޓީފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދަކީ ދިވެހި ރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަވައިދެއް ކަމުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަންދު ކުރައްވައިފިނަމަ އެކަން މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސަށް އަންގަވަމުން ގެންދެވުމަށް މަޖިލީހުގެ ރައީސް އިލްތިމާސް ކުރައްވާފައިވެއެވެ.