އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވަވައިފި

މިއަދު ހެނދުނު ބޭއްވުނު އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމަށް ފުރުޞަތު ހުޅުވާލެއްވުމުން ކޮމިޓީގެ 5 މެންބަރުންގެ އަޢުލަބިއްޔަތުން މުޤައްރިރު ކަމަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އަދި ކޮމިޓީގެ 6 މެންބަރުންގެ އަޢުލަބިއްޔަތުން ނައިބު މުޤައްރިރުކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހޮވިވަޑައިގެންފިއެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމަށްފަހު، ކުރިއަށް ގެންގޮސްފައިވަނީ މިބިލު ނިންމަވާނެ ވަގުތެއް ކަނޑައެޅުއްވުމާބެހޭ ގޮތުން މަޝްވަރާކުރެއްވުމެވެ. އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، މޯލްޑިވްސް އެސޯޝިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، ސިޓީ ކައުންސިލް، މޯލްޑިވްސް އެސޯޝިއޭޝަން ފޯރ ޓުއަރ އެޖެންޓް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)، ޕޮލިސް، އިލެކްޝަން ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ޓްރާންސްޕޭރަންސީ މޯލްޑިވްސް، ޑިމޮކްރަސީ ނެޓްވޯކް އަދި ޕާޓީ ތަކުގެ ލީޑަރުންނާއި ބިލާއި ބެހޭގޮތުން ޚިޔާލު ހޯއްދެވުމަށް ނިންމެވިއެވެ. މީގެއިތުރުން، ކޮމިޓީ ހިންގާ ގަވައިދުގެ ދެލިކޮޕީއެއް ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމަކަށް އިދާރީ މޭޒުން ތައްޔާރުކޮށްދިނުމަށް ކޮމިޓީގެ މުޤައްރިރު އެދިވަޑައިގެންނެވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ.