ކުރީގެ ރައީސް މުޙަންމަދު ނަޝީދު ރައީސް ކަމުގައި ހުންނަވައިގެން ޤާނޫނު އަސާސީއާ ޤާނޫނާ ޚިލާފުވެވަޑައިގެންފައިވާކަމަށް ތުހުމަތުކުރެއްވޭ ކަންކަން ތަޙުޤީގު ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވަވައިފި

މިއަދު ބޭއްވުނު ކުރީގެ ރައީސް މުޙަންމަދު ނަޝީދު ރައީސް ކަމުގައި ހުންނަވައިގެން ޤާނޫނު އަސާސީއާ ޤާނޫނާ ޚިލާފުވެވަޑައިގެންފައިވާކަމަށް ތުހުމަތުކުރެއްވޭ ކަންކަން ތަޙުޤީގު ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މި އަހަރުގެ 2 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމަށް ބޭއްވުނު ބައްދަލުވުމުގައި ކޮމިޓީގެ އިއްތިފާޤުން މުޤައްރިރު ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަދި ނައިބު މުޤައްރިރުކަމަށް ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހޮވިވަޑައިގެންފިއެވެ.

ކޮމިޓީގެ އިއްތިފާޤުން މުޤައްރިރު ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު  ހޮއްވެވުމާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނީ މެންބަރުންގެ އެހީފުޅާއެކީ ކަމުގައި ވިދާޅުވެ، ކޮމިޓީގެ މަޤްސަދަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤަވާއިދުގެ މަތިން ތަޙްޤީގުގެ މަސައްކަތްކުރިއަށް ގެންދެވައި، ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދިނުން ކަމުގައި ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރެވެ. ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުންނެވީ ސަލާމުގައެވެ.

5 ރަމަޝާން 1433

24 ޖުލައި 2012