މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވައިފިއެވެ.
މިއަދު 1 ގަޑިއިރުގެ ބަހުސް ކުރެއްވުނު ކުއްލި މައްސަލައަކީ ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ޙަލީމް ކ.ކާށިދޫގައި ޑިއުޓީއަށް ދުރުވަނިކޮށް ވަޅިއަކުން ހަމަލާދީ ނިޔާވެފައިވާތީ ހުށަހަޅުއްވާފައިވާ މައްސަލައެކެވެ. މިމައްސަލައަށް ޖުމްލަ 19 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ހޮވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް އިޢުލާނުކޮށް ޤައުމީ ސަލާމަތު ކޮމިޓީއަށް ފޮނުއްވާފައިވެއެވެ. އެތިން ނަންފުޅަކީ ދަފްތަރު ނަންބަރު 90/18 އަޙްމަދު ނަޝީދު ޙުސައިން، ގ.ގުލްޝަންވިލާ މުޙައްމަދު ނަޒީފް އަދި މއ.ކަޝްމީރުވާދީ ޝުޖާއު ޙުސައިން އެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހިދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައިވާތީ، “ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސް ނޭޝަނަލް އޯގަނައިޒްޑް ކްރައިމް” ގައި ދިވެހިރާއްޖޭން ބައިވެރިވުމުގެ މައްސަލަވެސް ޤައުމީ ސަލާމަތު ކޮމިޓީއަށް ފޮނުއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގެ ޤާނޫނީ އަދަދު ގެއްލުމުގެ ސަބަބުން ނިންމަވާލެއްވިއިރު އިބްތިދާއީ ބަހުސް ކުރެވެމުންދިޔައީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް އެވެ.
4 ރަމަޟާން 1433
23 ޖުލައި 2012