އާންމު ކޮމިޓީގެ މުޤައްރިރު ހޮއްވެވުމަށް ފުރުޞަތު ހުޅުވާލެއްވުމުން، ހުށަހެޅި ތާޢީދުލިބުނު 3 ހުށަހެޅުމަށްވެސް ވޯޓަށްއައްސަވައި 3 ހުށަހެޅުންވެސް ފާހެއްނުވި

މިއަދު ހެނދުނު ބޭއްވުނު އާންމު ކޮމިޓީގެ ބައްދަލުވުމުގައި، އާންމު ކޮމިޓީގެ މުޤައްރިރު ހޮއްވެވުމަށް ފުރުޞަތު ހުޅުވާލެއްވުމުން ހުށަހެޅި ތާޢީދުލިބުނު 3 ހުށަހެޅުމަށްވެސް ވޯޓަށްއައްސަވައި އަޢުލަބިއްޔަތު ނުލިބުމުން 3 ހުށަހެޅުންވެސް ފާހެއްނުވިއެވެ. އާންމު ކޮމިޓީގެ މުޤައްރިރު ހޮއްވެވުމަށް، އަޢުލަބިއްޔަތަށް 6 ވޯޓް ބޭނުންވެއެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް 10 މެންބަރުން ޙާޒިރުވެވަޑައިގެންނެވިއެވެ. އެއީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދުއެވެ. ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ހުންނެވީ ސަލާމުގައެވެ.