މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންދަވަނިކޮށް ޖަލްސާގެ ނިޒާމްގެއްލުމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ)ގެ ދަށުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުގެ ނަން އިއްވަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އިންޒާރުކުރުމުންވެސް، އެ މެންބަރަކު ކިޔަމަންނުވެއްޖެނަމަ، މަޖިލީސް ދޫކޮށްފައި ދިޔުމަށް އެ މެންބަރަކަށް އެންގެވުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންވެއެވެ.
ނަން އިއްވި މެންބަރު ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގަންނަވަންދެން ޖަލްސާ ވަނީ މެދުކަނޑާލެވިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަކީ ރޭގައި ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ޙަލީމް ކ.ކާށިދޫގައި ޑިއުޓީއަށް ދުރުވަނިކޮށް ވަޅިއަކުން ހަމަލާދީ ނިޔާވެފައިވާތީ ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް އެވެ.
4 ރަމަޟާން 1433
23 ޖުލައި 2012