އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މަޖިލީހުން ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވި ގޮތަށް 49 މެންބަރުން ޢިއްތިފާގުން ފާސްކުރައްވައިފިއެވެ. މިރިޕޯޓުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އެކޮމިޝަނުން ޤާނޫނާއި ގަވާއިދާއި ޚިލާފުވެފަައިވާކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން މާލީ ބަޔާން ތައްޔާރުކުރުމުގެ އުޞޫލު، 2011 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކުންވެސް “އެކުރޫއަލް އެކައުންޓިންގ” ގެ އުޞޫލުތަކާއި އެއްގޮތަށް ތައްޔާރު ކުރުމަށް އެތަންތަނަށް އެންގުމަށް ނިންމަވާފައިވެއެވެ.  އަދި އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވާ އެހެނިހެން ކަންތައްތަކާއިމެދު ޒިންމާ އުފުލަން ޖެހޭ ފަރާތްތަކާއިމެދު އެންޓިކޮރަޕްޝަން ކޮމިޝަނުން ފިޔަވަޅު އަޅާފައިވާކަން ފާހަގަ ކުރައްވާ، ދެން އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް އެ ކޮމިޝަނަށް އެންގުމަށްވެސް ކޮމިޓީއިން ނިންމަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް 4 ޖުލައި 2012 ވީ ބުދަ ދުވަހު ބޭއްވުނު ޖަލްސާގައި ނެގުނު ވޯޓުގެ ނަތީޖާ އިޢުލާންކުރެއްވިއެވެ. މިރިޕޯޓް ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް 1 މެންބަރަކު ވޯޓުދެއްވާފައިވެއެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 52 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ވަކިފަރާތަކަށް ވޯޓުދެއްވަން ބޭނުންފުޅުނުވާ 2 މެންބަރަކު އިންނެވިއެވެ.