މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، ސާކް ކޮންވެންޝަން އޮން ކޯޕަރޭޝަން އޮން އެންވަޔަރަންމަންޓްގައި ދިވެހިރާއްޖެއިން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމުގެ މައްސަލަ، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް 52 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވައިފިއެވެ.
“ސާކް ކޮންވެންޝަން އޮން ކޯޕަރޭޝަން އޮން އެންވަޔަރަންމަންޓް” އަކީ ސާރކްގެ މެންބަރު ޤައުމުތަކުގެ މެދުގައި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މުއާހަދާއެކެވެ.
މީގެއިތުރުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޙުލޫފު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ހުށަހެޅުއްވިއެވެ. އަދި މިރިޕޯޓަށް ބަހުސްކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި 5 މެންބަރުން ވާހަކަދެއްކެވިއެވެ.
މިއަދުގެ ޖަލްސާގައި، މިބިލުގެ ބަހުސް ކުރިއަށް ގެންދަވަނިކޮށް ވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން 1431 ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ޖަލްސާ ނިންމަވާލައްވާފައެވެ. މިއީ މިއަދުގެ ޖަލްސާގައި ކޯރަމް ގެއްލުނު 8 ވަނަ ފަހަރެވެ.