މާފަންނު ދެކުނުދާއިރާގެ މެންބަރު އިބްރާހިމް ރަޝީދުގެ ނަން އިއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވަނިކޮށް ޖަލްސާގެ ނިޒާމްގެއްލުމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ)ގެ ދަށުން މާފަންނު ދެކުނުދާއިރާގެ މެންބަރު އިބްރާހިމް ރަޝީދުގެ ނަން އިއްވަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އިންޒާރުކުރުމުންވެސް، އެ މެންބަރަކު ކިޔަމަންނުވެއްޖެނަމަ، މަޖިލީސް ދޫކޮށްފައި ދިޔުމަށް އެ މެންބަރަކަށް އެންގެވުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް ނަން އިއްވަވާފައިވަނީ 11:49 ގައެވެ.