ދެ ބިލަކާއި ހަތަރު ޤަރާރެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދި ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، ދެ ބިލަކާއި ހަތަރު ޤަރާރެއްގެ ފުރަތަމަ ކިޔުން ރިޔާސަތުން އިއްވަވައިފިއެވެ.

އެއީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ޖިންސީ ކުށުގެ ބިލާއި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2009 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

މީގެއިތުރުން، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހުށަހަޅުއްވާފައިވާ، ދައުލަތުގެ ބަޖެޓު ސަޕޯޓްގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޚިލާފަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ކޮމްޕެނީ އިން ނަގާފައިވާތީއާއި އަދި އެ ލޯނު ނުނަގާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ދޮގު މަޢުލޫމާތު ދީފައިވާތީވެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކާއި މިނިސްޓަރ އޮފް ފިނޭންސް ޢަބްދުﷲ ޖިހާދުގެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއާއި އެ ގަވާއިދުގެ 143 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ޖިނާޢީ ޢަދުލުގެ ނިޒާމު ރަނގަޅުގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އެހެނިހެން ބިލުތަކުގެ ތެރެއިން ކޮންމެހެން ފާސްކުރަންޖެހޭ ބިލުތައް ފާސްކުރުމަށް ގޮވާލުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވައިގެން އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގަސްތުގައި ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ ހިންގާފައިވާ ލާއިންސާނީ އަނިޔާ ބެލުމާއި މިނިވަން ކޮމިޝަނެއް އުފެއްދުމުގެ ޤަރާރު އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، 8  ފެބްރުއަރީ 2012 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އިސްނަގައިގެން ބާއްވާފައިވާ މުޒާހަރާގައި، އެ ޕާޓީގެ ފަރާތުން ދައުލަތުގެ މުދަލަށް ގެއްލުންދީފައިވާތީ، އެކަމާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރެވެ.

މިއަދުގެ ޖަލްސާގައި، ޚަބަރާއި މަޢުލޫމާތުގެ ގޮތުގައި މަންޒަރާއި އަޑު ރައްޔިތުންނަށް ފޯރުކޮށްދިނުން ހުއްޓުވަން ކުރާމަސައްކަތް ކުއްވެރިކޮށް އެޢަމަލުތައް ވަގުތުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަ ހުށަހަޅުއްވައިދެއްވައި ނިމުމުން، މިމައްސަލައަށް ބަހުސްކުރެއްވުމަށް ނެންގެވިވޯޓު ފާހެއްނުވިއެވެ. މިކުއްލި މައްސަލައަށް ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވާފައިވަނީ 13 މެންބަރުންނެވެ. އަދި ފެނިވަޑައިނުގަންނަވާ ކަމަށް 17 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާ ފެށްޓެވިއިރުރިޔާސަތު ބަލެހެއްޓެވީރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.