މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) ގައި، ބަޔާންކުރާ އުޞޫލާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަންދުކުރުމުގައި ޢަމަލު ކުރެވެމުން ދިޔުމަކީ ކަންބޮޑުވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 88 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވާލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) ގައި، ބަޔާންކުރާ އުޞޫލާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަންދުކުރުމުގައި ޢަމަލު ކުރެވެމުން ދިޔުމަކީ ކަންބޮޑުވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ ޖިނާޢީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަޙްޤީގު ކުރިއަށް ގެންދެވެން ނެތް ޙާލަތެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ބަންދުކުރަންޖެހިއްޖެ ހިނދެއްގައި، މެންބަރަކު ބަންދުކުރަންވާނީ މަޖިލީހުގެ ރައީސަށް އެންގެވުމަށްފަހުގައެވެ.

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރުން ބަންދުކުރުމުގައި، ބައެއް މެންބަރުންނަށް ތަފާތު އެކި ގެއްލުން ލިބެމުންދާ ކަމުގެ ޝަކުވާ ރައްޔިތުން މަޖިލީހަށް ދަނީ ލިބެމުންދާކަމަށެވެ އަދި އެފަދަ ޝަކުވާތައް ލިބުމުން، ރައްޔިތުން މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތީން އެ ޝަކުވާތައް ރައްޔިތުން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުވަމުން ގެންދާއިރު، އެފަދަ ޝަކުޥާތައް އިތުރުވަމުންދާކަމަކީ އެކަމާމެދު ރައްޔިތުން މަޖިލީހުގެ ރައީސް ކަންބޮޑުވާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންނާމެދު ޢަމަލުކުރެއްވުމުގައި، ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް، މެންބަރުންގެ ޤަދަރާއި، ކަރާމާތާއި، އަބުރަށް އުނިކަމެއް ނާންނާނޭ ގޮތުގެ މަތިން އަމަލުކުރައްވަމުން ގެންދެވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އިލްތިމާސްކުރެއްވިއެވެ.

27 ޝަޢުބާން 1433

17 ޖުލައި 2012