ކޮމިޓީތައް އެކުލަވާލުމަށް ޕާޓީތަކުން އެއްބަސްވުމަކަށް އާދެވިއްޖެ

ކޮމިޓީތައް އެކުލަވާލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންނާ މެދު ކުރެވުނު މަޝްވަރާތަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި އެއްބަސްވުމަކަށް އާދެވިއްޖެއެވެ.

އެމްޑީޕީ އާއި ޕީއޭ އާއި ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ޕީއޭ އަށް ލިބުނު ގޮނޑި އެމްޑީޕީ އަށް ދޫކޮށްލުމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި އެމްޑީޕީގެ ގޮނޑީގެ ޢަދަދު މިހާރު ހަމަޖެހިފައިވަނީ 6 ކަށެވެ. އަދި އެމްޑީޕީއަށް މާލިއްޔަތު ކޮމިޓީން ލިބުނު 4 ގޮނޑީގެ ތެރެއިން 1 ގޮނޑި ޕީއޭ އަށް ދޫކޮށްލުމުން އެ ގޮނޑި ޕީއޭ އިން ވަނީ ޖުމްހޫރީ ޕާޓީއަށް ދީފަ އެވެ. އެހެންކަމުން މާލިއްޔަތު ކޮމިޓީގެ އެމްޑީޕީ ގޮނޑީގެ އަދަދަކީ 3 އަދި ޖުމްހޫރީ ޕާޓީގެ ގޮނޑީގެ އަދަދަކީ 1 ކެވެ.

މިއަދުގެ ޖަލްސާގައި މި އެއްބަސްވުމަށް ވޯޓަށް އަހާފައިވެއެވެ. މި އެއްބަސްވުން ފާސްކުރައްވަން ވޯޓް ދެއްވީ 60 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު އެއްވެސް މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ.

މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލެއްވީ އެއްބަސްވެވުނުގޮތަށް ކޮމިޓީތަކަށް ކަނޑައަޅާނެ މެންބަރުން އައްޔަނުކުރެއްވުމަށްޓަކައި ޕާޓީތަކުގެ ލީޑަރުންނަށް މަޝްވަރާކުރެއްވުމަށް ވަގުތު ދެއްވުމުގެ ގޮތުންނެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ  17ޖުލައި 2012 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގަ އެވެ.

26 ޝަޢުބާން 1433

16 ޖުލައި 2012