ކޮމިޓީތައް އެކުލަވާލެއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންނާ މަޝްވަރާކުރެއްވުމަށް ވަގުތު ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާ މިއަދުގެ 01:00 އަށް ފަސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވީ މިމައްސަލައިގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާކުރައްވައި ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. މިގޮތުން ރޭ 11:30 ވަންދެން ކުރިއަށް ގެންދެވުނު މަޝްވަރާތަކުން ބައިވެރިންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މިއަދު 09:30 ގައި ކޮމިޓީތައް އެކުލަވާލެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންނާއި ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ޕާޓީތަކުގެ ލީޑަރުންނާއި 10:00 ގައި ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައެވެ.
26 ޝަޢުބާން 1433
16 ޖުލައި 2012