ރަމަޟާންމަހު ޖަލްސާތައް ބާއްވާނެ ގަޑި އާންމު ކޮމިޓީން ނިންމަވައިފި

މިއަދު ހެނދުނު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި، ރަމަޟާން މަހު މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ގަޑި ކަނޑައަޅުއްވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުއްވާފައިވާ މައްސަލައާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ނިންމަވާފައިވަނީ ޖަލްސާތައް ފަށާގަޑިއެކަމަށް 10:00 އެވެ. އަދި ނިންމަވާނެ ގަޑިއަކީ 14:00 ގައި ކަމަށެވެ. ހުސްވަގުތު ކޮޅު ކަމަށް 12:00 ން 13:00 ކަމަށްވެސް ނިންމަވާފައިވެއެވެ.

ކޮމިޓީގެ މިބައްދަލުވުމުގައި، ކޯރަމް މައްސަލައާއި ގުޅޭގޮތުން ކައުންސެލް ޖެނެރަލްގެ ލަފާ އާންމު ކޮމިޓީއަށް ލިބިފައިވުމުން އެމައްސަލައާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި  ކޮމިޓީގެ ޢިއްތިފާޤުން ފާސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ޤާނޫނީ އަދަދު ގުނުމުގައި ބަދަލުގަނެވިދާނެ ގޮތަށް ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގެ އިމުގެ ތެރެއިން މާނަކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) އިޞްލާޙުކުރެއްވުމަށެވެ. މިގޮތަށް މިއުސޫލު ފާސްވުމުން މިމައްސަލައާއި ބެހޭގޮތުން މަޖިލީހުގެ ލީގަލް ޓީމުން ޑްރާފްޓެއް ތައްޔާރުކުރެއްވުމަށްފަހު މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި، ސީނިއަރ ޕާލިމަންޓްރީ 3 މަޤާމުގެ އިންޓަރވިއު ކުރެއްވުމާއި ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ހޮއްވެވި 5 މެންބަރުގެ ސަބް- ކޮމިޓީން މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ތަޢާރުޒުވެވަޑައިގެންނެވުމުން އެކޮމިޓީއަށް ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކޮމިޓީގައި ތިއްބެވި މެންބަރުންގެ ޢިއްތިފާގުން ފާސްކުރެއްވިއެވެ.

އެއަށްފަހު ކުރިއަށްގެންގޮސްފައިވަނީ ސީނިއަރ ޕާލިމަންޓްރީ 3 މަޤާމުގެ އިންޓަރވިއު ކުރެއްވުމާއި ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ހޮއްވެވި 5 މެންބަރުގެ ސަބް- ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމެވެ. މިގޮތުން ކޮމިޓީގެ އެއްވެސް މެންބަރަކު އިޢުތިރާޒްވެވަޑައިގެންފައި ނުވުމުން ކޮމިޓީގެ މުޤައްރިރުކަމަށް މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހަމަޖެހުނެވެ. އަދި ކޮމިޓީގެ ނައިބު މުޤައްރިރު ކަމަށް ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު ހަމަޖެހުނެވެ.

ޢާންމު ކޮމިޓީގެ 12 ވަނަ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދުއެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު ހުންނެވީ މަޖިލީހުގެ ދަތުރުފުޅެއްގައެވެ. އަދި ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.