އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރީޝިއާ ބުޓެނިޝް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު، ރައްޔިތުންގެ މަޖިލިސްގޭގައި ބޭއްވުނު މިބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ސަފީރަށް ދެއްވިއެވެ.

އަދި މީގެއިތުރުން، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށް އެމެރިކާ ސަރުކާރުގެ ފަރާތުން ވެދެއްވާފައިވާ އެހީތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.