ސީނިއަރ ޕާލިމަންޓްރީގެ 3 މަޤާމުގެ އިންޓަރވިއު ކުރެއްވުމާއި ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސަކުރެއްވުމަށް 5 މެންބަރުންގެ ސަބް- ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފި

މިއަދު ހެނދުނު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި، ސީނިއަރ ޕާލިމަންޓްރީގެ 3 މަޤާމުގެ އިންޓަރވިއު ކުރެއްވުމާއި ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސަކުރެއްވުމަށް 5 މެންބަރުގެ ސަބް- ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފިއެވެ.

 މި 5 މެންބަރުން ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު އަދި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުއެވެ.

އަދި މިބައްދަލުވުމުގައި މަޖިލީހުގެ ޔައުމިއްޔާގެ ވޯޑް ޑޮކިއުމެންޓް އާންމުންނަށް ދޫކުރުމާއި ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްފަހު، ކޮމިޓީގެ އަޢްލަބިއްޔަތުން ފާސްވެފައިވަނީ ޔައުމިއްޔާތަށް ދޫކުރާ އުސޫލުން ޕީ.ޑީ.އެފް ފޯމެޓްގައި ޔައުމިއްޔާތަށް ބޭނުންވާ ފަރާތްތަކަށް ދޫކުރެއްވުމަށެވެ.

މަޖިލީހުގެ އިދާރާގެ މުއައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަލުން ރިވިއު ކުރުމަށްފަހު ފޮނުވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ސަބް-ކޮމިޓީއެއް ނެންގެވުމަށް ހުށަހެޅި ތާޢީދުލިބި އަދި އެއްވެސް މެންބަރަކު އެ ހުށަހެޅުމަށް އިޢުތިރާޒް ނުކުރައްވާތީ މިހުށަހެޅުން ކޮމިޓީ އިއްތިފާޤުން ފާސްވީކަމަށް ނިންމަވާފައިވެއެވެ. ސަބްކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދުއެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި މިއަދު ކުރިއަށް ގެންދެވީ ގާނޫނު އަސާސީގެ 99 މާއްދާގެ (ނ) ގެ ދަށުން އާންމުން ފޮނުވާ ސިޓީތައް ފޮނުވާނެ ކޮމިޓީތަކެއް  ކަނޑައަޅައި ގޮތެއް ނިންމެވުމެވެ.

ޢާންމު ކޮމިޓީގެ މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރުއެވެ.