ބަޖެޓް ސަޕޯޓުން 300 މިލިއަން ރުފިޔާ ދައުލަތުގެ މާލީ ޚަރަދުތަކުގައި ހިމެނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ލޯނުގެ މައްސަލަ މާލިއްޔަތު ކޮމިޓީން އަނބުރާ ފޮނުވާލައްވައިފި

2012 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ރަޢީސުލްޖުމްހޫރިއްޔާ ހުއްދަދެއްވާ މަޖިލީހަށް ފޮނުއްވާފައިވާ ލޯނުތަކުގައި ހިމެނޭ ބަޖެޓް ސަޕޯޓްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 65 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނުގެތެރެއިން ބައެއް ނަމަވެސް މިވަގުތު ދައުލަތުގެ މާލީ ޚަރަދުތައް ކުރުމަށް ހަމަޖައްސަވަން ޖެހޭކަމަށާއި، ބަޖެޓް ސަޕޯޓުގެ ގޮތުގައި 65 މިލިއަން ޑޮލަރު އޭރު ހުށަހަޅާފައިވަނީ ބޭރުގެ ދަރަނީގެ ގޮތުގައި ކަމަށްވީނަމަވެސް، އޭގެ ދަށުން 300 މިލިއަން ރުފިޔާ ޑޮމެސްޓިކް ދަރަނީގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ނެގުމަށް ތައްޔާރުކޮށްފައިވާ ތަފްސީލާއިއެކު 13 ޖޫން 2012 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން އަނބުރާ ފޮނުވާލައްވައިފިއެވެ.

މި މައްސަލަ ކޮމިޓީން ބަލައިނުގަނެ އަނބުރާ ފޮނުވާލައްވާފައިވަނީ، މި މައްސަލައަކީ ޑޮމެސްޓިކް ލޯނެއް ނެގުމާއި ބެހޭ މައްސަލައެއް ކަމުން، މި ކަންތައް ބެއްލެވުން މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭ ހިމެނިވަޑައިނުގަންނަވާކަމަށް ކައުންސެލް ޖެނެރަލް ވިދާޅުވެފައިވާތީއެވެ. ކައުންސެލް ޖެނެރަލްގެ ލަފާފުޅުގައި ވިދާޅުވެފައިވަނީ، އެ ލޯނަކީ ބަޖެޓް ސަޕޯޓަށް ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނެއްކަމުގައިވީނަމަވެސް، އެ ލޯނާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ލޯނާ ދެމެދު، ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކުރައްވަންޖެހޭފަދަ މުހިންމު ފަރަޤުތަކެއް ހުރިކަމަށާއި، ވީމާ ޤާނޫނު ނަންބަރު 2010/25 (ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންޖެހޭ ލޯނެއް ކަމަށާއި، މިކަމާއި މެދު ވަކި ގޮތެއް ނިންމަންޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ތަޅުމުގައި ކަމަށެވެ.

މިއަދު ހެނދުނު  9:43 ން 10:45 އަށް ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 34 ވަނަ ބައްދަލުވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ މާލީ ހާލަތު ދަށަށްދާތީ، އެ ކުންފުނީގެ މާލީ ޙާލަތާއި، ކުންފުނީގެ އޮޕަރޭޝަންސް އާއި ގުޅޭ ގޮތުން ހޯދާފައިވާ މަޢުލޫމާތުގެ ތެރެއިން ފެންމަތިވެފައިވާ ޚާއްސަ މައްސަލައަކާއި ގުޅޭ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ އޯޕަން ހިއަރިންގ ކުރިއަށް ގެންދަވާނެގޮތުގެ އުސޫލެއް ކަނޑައެޅުއްވުމުގެ މަސައްކަތްވެސް ކުރިއަށްގެންދެވިއެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި 2012 ވަނަ އަހަރު ސަރުކާރުން ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަދެއްވާ މަޖިލީހަށް ފޮނުއްވާފައިވާ ލޯނުތަކުގައި ހިމެނޭ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ލޯނު އެހީގައި ހިންގުމަށް ރޭވިފައިވާ ‘މައިކްރޯ، ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިޒް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް’ އަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ނެގުމަށް ހަމަޖެހިފައިވާ 5،500،000 އެމެރިކާ ޑޮލަރުގެ ލޯނުގެ ތަފްސީލްގެ ތެރެއިން މަދުވާކަމަށް މާލިއްޔަތު ކޮމިޓީއިން ފާހަގަކުރައްވާފައިވާ މަޢުލޫމާތު، 23 ޖޫން 2012 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު ބައްލަވާ އެއާމެދު މަޝްވަރާކުރައްވާފައިވެއެވެ.

ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމްއެވެ.