މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އަލްފާޟިލް އަޙްމަދު ފާއިޒް މުޙައްމަދު ޢައްޔަންކުރެއްވުމަށް މަޖިލީހުން ފެންނަކަމަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިޢުފާދެއްވުމާ ގުޅިގެން އެބޯޑުން ހުސްވެފައިވާ މެންބަރުކަމަށް އަލްފާޟިލް އަޙްމަދު ފާއިޒް މުޙައްމަދު / އަސްރަފީހިޔާ، ލ.މާވަށް ޢައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރެއްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ޢިއްތިފާގުންނެވެ.

ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައިގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ހުށަހަޅުއްވާދެއްވާފައިވަނީ އެކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމްއެވެ.

މިއަދުގެ ޖަލްސާގައި މިރިޕޯޓަށް 4 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.