މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 33 ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 33 ވަނަ ބައްދަލުވުން މިއަދު 9:40 ން ފެށިގެން 11:03 ބާއްވަވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބެއްލުވުމުގެ މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާ، ކޮމިޓީގެ ފަރާތުން ހުށަހަޅުއްވާ ބައެއް ސުވާލުތަކަށް ޖަވާބުދެއްވުމުގެ ގޮތުން އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް އާއި އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކޮމްޕްލައަންސް އޮޑިޓް މުޙައްމަދު އިބްރާހިމް މަނިކު، ސީނިއަރ އޮޑިޓަރުން ކަމަށްވާ ޢަލީ ނަސީރު، މުޙައްމަދު ލުޢައްޔު، އަޙްމަދު އަސްލަމް އަދި އެސިސްޓެންޓް އޮޑިޓަރ އަބްދުﷲ ޝާކިރުވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

އެއަށްފަހު އެފްޓެކް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑްއާއި ދިވެހި ސަރުކާރާއި ދެމެދު ކުރެވިފައިވާ މެޑިކަލް އަދި ލެބޯރަޓަރީ ކޮންސިއުމަބަލްސް ސަޕްލައި ކޮށްދިނުމަށް 2010 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ސަޕްލައި ކޮށްދޭން ޖެހޭ މުދާ ސަޕްލައި ކޮށްނުދީ ފައިސާ ނަގާފައިވާ މައްސަލައިގެ ޙާއްޞަ އޮޑިޓް ރިޕޯޓާއި ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލްއާއި އެކު މަޝްވަރާ ކުރެވުނެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ހާޒިރުވެވަޑައިގެންފައިނުވާ އިރު އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްއާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުންނެވީ ޗުއްޓީގައެވެ.