ޤާނޫނީއަދަދު ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

މިއަދު ކުރިއަށް ގެންގޮސްފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާ ގަވައިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމުންވެސް ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން 13:05 ގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙުމަދު ނާޒިމް ނިންމަވާލެއްވިއެވެ.

ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ޖަލްސާއަށް ޙާޒިރުވެވަޑައިގެންތިއްބެވީ 15 މެންބަރުންނެވެ.

 މިއަދުގެ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ބިލު ހުށަހަޅުއްވަން އުޅުއްވަނިކޮށް ގިނަ މެންބަރުންތަކެއް ނިޒާމީ މައްސަލަތަކެއް ނަންގަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ބިލާބެހޭގޮތުން، ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ޙަވާލާދެއްވާ މެންބަރުން ނެންގެވި ނިޒާމީ މައްސަލަ ތަކުގައި ޤާނޫނީލަފާ ހޯއްދަވާނެކަމަށް، އެވަގުތު ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.