ދެ ޤަރާރެއްގެ ފުރަތަމަ ކިޔުން އިޢުލާންކުރައްވައިފި

މިއަދު ކުރިއަށް ގެންގޮސްފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، ދެ ޤަރާރެއްގެ ފުރަތަމަ ކިޔުން ރިޔާސަތުން އިޢުލާންކުރައްވައިފިއެވެ.

މިއަދު ފުރަތަމަ ކިޔުން އިޢުލާންކުރައްވާފައިވަނީ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހި ރައްޔިތުންނަށް ދޭންފަށާފައިވާ ހެލްތް އިންޝުއެރެންސް “އާސަންދަ” ކުރިޔަށް ގެންދެވޭނެކަމާމެދު ސުވާލު އުފެދި ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ފަޅުހެދުމާއި ބޯ ހިޔާވަހިކަމާއި މަގުހެދުމުގެ މަޝްރޫޢޫތައް ކުރިޔަށް ގެންދެވޭނެ މަގެއް ނެތުމާއެކު ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ކުރާހޭދަ ހުއްޓާލުމުގެ ޤަރާރާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސަބްސިޑީ ގޮތުގައި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް، އަދި ސަރުކާރުގެ މަސްކުންފުނިތަކުގެ ފައިދާ އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނަށް މަގުފައިވާގޮތަށް، އަދި މަސްވެރިންގެ ސިނާއަތް ބަގުރޫޓުވާފަދަ ގޮތެއްގައި ސިޔާސީ ފަރާތްތަކުން ބޭނުންކުރަމުންދާ މައްސަލައިގެ ޤަރާރެވެ.