ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 128 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 8 ބިލެއް ނިންމަވާނެ ސުންގަޑި އިޢުލާނުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 128 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 8 ބިލެއް ނިންމަވާނެ ސުންގަޑި ރިޔާސަތުން އިޢުލާނުކުރައްވައިފިއެވެ.

އެސުންގަޑިތަކަކީ އިޤުތިޞާދީ ކޮމިޓީއިން ފޮނުއްވާފައިވާ އާބިޓްރޭޝަން ބިލު، 15 އޮގަސްޓް 2012 ކަމަށް، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލު އަދި ރަޙުނުގެ ބިލު 30 އޮގަސްޓް 2012 ކަމަށެވެ. އިޖުތިމާޢީ ކޮމިޓީއިން ފޮނުއްވާފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ ބިލު އަދި ޤާނޫނު ނަންބަރު 8/2010 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު 31 ޖުލައި 2012 ކަމަށް އިޢުލާންކުރައްވާފައިވެއެވެ. މީގެއިތުރުން، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2/2008 ވަޒީފާ އާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 8/2009 ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ ދައުލަތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ސިއްޙީ ޚިދުމަތުގެ ސިޔާސަތު ކަނޑައެޅުމުގެ ބިލުގެ ސުންގަޑިއަކީ 31 އޮގަސްޓް 2012 ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިޢުލާންކުރައްވާފައިވެއެވެ.