ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ރިޔާސީ ވެރިކަމުގައި ޤާނޫނުއަސާސީ އާއި ޤާނޫނާއި ޚިލާފުވެފައިވާ ކަންކަން ބަލައި ތަޙްޤީޤުކޮށް ދިނުމަށް އެދި، ހުށަހެޅުއްވި ޤަރާރު ދިރާސާކުރެއްވުމަށް އެކުލަވާލެވުނު 7 މެންބަރުގެ ވަގުތީ ކޮމިޓީގެ ނަންލިސްޓް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ރިޔާސީ ވެރިކަމުގައި ޤާނޫނުއަސާސީ އާއި ޤާނޫނާއި ޚިލާފުވެފައިވާ ކަންކަން ބަލައި ތަޙްޤީޤުކޮށް ދިނުމަށް އެދި، ހުށަހެޅުއްވި ޤަރާރު ދިރާސާކުރެއްވުމަށް 7 މެންބަރުގެ ވަގުތީ ކޮމިޓީގެ ނަންލިސްޓް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ ފެންނަކަމަށް 49 މެންބަރުން އަދި ނުފެންނަކަމަށް 24 މެންބަރުން ވޯޓުދެއްވައިގެންނެވެ. އަދި ވަކިފަރާތަކަށް ވޯޓުދޭންބޭނުންނުވާ 1 މެންބަރަކު އިންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 ވަނަ ޖަލްސާގައި ހުށަހެޅި ތާޢީދުލިބިފައިވާ 7 މެންބަރުންގެ ވަގުތީ ކޮމިޓީން، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު މިއަދުގެ ޖަލްސާގައި އެކޮމިޓީން ތަނާޒުލުވުމުން، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް ހުށަހަޅުއްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ތާޢީދުކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުގެ ނަންފުޅު އެކޮމިޓީގައި ހިމެނުމަށެވެ.

މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ.