ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ރިޔާސީ ވެރިކަމުގައި ޤާނޫނުއަސާސީ އާއި ޤާނޫނާއި ޚިލާފުވެފައިވާ ކަންކަން ބަލައި ތަޙްޤީޤުކޮށް ދިނުމަށް އެދި، ހުށަހެޅުއްވި ޤަރާރު 7 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލުމަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ  ދައުރުގެ 12 ވަނަ ޖަލްސާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ރިޔާސީ ވެރިކަމުގައި ޤާނޫނުއަސާސީ އާއި ޤާނޫނާއި ޚިލާފުވެފައިވާ ކަންކަން ބަލައި ތަޙްޤީޤުކޮށް ދިނުމަށް އެދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ހުށަހެޅުއްވި ޤަރާރު ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މިޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާސްކުރެއްވުމަށްފަހު، 7 މެންބަރުން ވަގުތީ ކޮމިޓީއެއް އެކުލަވާލުމަށް، ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވައި ވިލިމާފަންނު ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ނިހާން ޙުސައިންމަނިކު ތާއީދުކުރައްވާފައިވާ ހުށަހެޅުން ފާސްވެފައިވަނީ ފެންނަކަމަށް 38 މެންބަރުން އަދި ނުފެންނަކަމަށް 25 މެންބަރުން ވޯޓުދެއްވައިގެންނެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ފާސްވި 7 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ނަންލިސްޓެއް ހުށަހެޅުމަށް ރިޔާސަތުން ފުރުޞަތު ހުޅުވާލެއްވުމުން 2 ހުށަހެޅުމެއް ހުށަހެޅިފައިވެއެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ތާޢީދުލިބިފައިވަނީ އެއް ހުށަހެޅުމަށެވެ. އެހުށަހެޅުމަކީ ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް ހުށަހަޅުއްވައި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ތާޢީދުކުރެއްވި ހުށަހެޅުމަށެވެ. މިހުށަހެޅުމުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ.

މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހެޅުއްވި 7 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންކަމަށް ހުށަހަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙު، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މައްޗަންގޮޅު ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދުއެވެ.

މިއަދުގެ ޖަލްސާގައި، 7 މެންބަރުގެ ވަގުތީ ކޮމިޓީގައި ހިމެނުމަށް ހުށަހަޅާފައިވާ ނަންތަކުގެ މެދުގައި ގިނަ މެންބަރުންތަކެއް ޚިޔާލު ތަފާތުވުން އުފެދި ނިޒާމީ މައްސަލަތައް ނަންގަވަމުން ގެންދިއުމުގެ ސަބަބުން  14:05 ގައި ރިޔާސަތުންވަނީ ޖަލްސާނިންމަވާ ލައްވާފައެވެ. މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން ވިދާޅުވީ މިމައްސަލައާއި މެދު ސިޔާސީ ޕާޓީތަކުގެ މަޝްވަރާއެއް ހޯއްދެވުމަށްފަހު ދެން ޖަލްސާއެއް ބާއްވާނެދުވަހެއް އިޢުލާންކުރައްވާނެކަމަށެވެ.