ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީއަށް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު، އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފި

24 އޭޕްރީލް 2012 ވި އަންގާރަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާގައި މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު އަލުން ވިސްނުމަށް ފޮނުއްވާފައިވާ މައްސަލައަށް ބަހުސްކުރެއްވުމަށްފަހު، މިބިލު އިތުރަށް ދިރާސާކުރެއްވުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރަށްވައިފިއެވެ.

މިބިލު އަލުން ދިރާސާކުރެއްވުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވައި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ތާއީދުކުރައްވާފައިވާ ހުށަހެޅުން ފާސްވެފައިވަނީ 65 މެންބަރުން ޢިއްތިފާޤުންނެވެ.

އަދި، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު އަލުން ވިސްނުމަށް ފޮނުއްވާފައިވާ މައްސަލައަށް ބަހުސްކުރެއްވުމަށްފަހު، މިއަދުގެ ޖަލްސާގައިވަނީ މި ބިލު އިތުރަށް ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

މި ބިލު އަލުން ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއަށް ފޮނުވުމަށް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ތާއީދުކުރައްވާފައިވާ އިޞްލާޙު ފާސްވެފައިވަނީ 65 މެންބަރުންގެ ޢިއްތިފާގުންނެވެ.