ކޮމިޓީ ބައްދަލުވުންތައް ވީޑިއޯ ކުރުމާއި ވަގުތުން ދުރަށް ދެއްކުމާއި ބެހޭ މައްސަލަ އާންމު ކޮމިޓީން ބައްލަވައިފި

އާންމު ކޮމިޓީގެ 10 ވަނަ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މިއަދު 9:30 އިން 10:30 އަށެވެ. މި ބައްދަލުވުމަށް 8 މެންބަރުން ހާޒިރުވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި، 16 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވި 8 މެންބަރުން ވަކިކޮށްފައިވާތީ އެމެންބަރުންނަށް ލިބެންޖެހޭ މުސާރައާއި އިނާޔަތް ދިނުމަށް ސުޕްރީމް ކޯޓުން ނިންމަވާފައިވާތީ، މިފައިސާއަކީ މަޖިލީހުގެ އިދާރާގެ މިއަހަރުގެ ބަޖެޓްގައި ހިމަނާފައިނުވާ ފައިސާކަމުން މި ފައިސާ ހޯދުމުގައި އަމަލު ކުރާނެ ގޮތުގެ ލަފާފުޅަކަށް އެދި މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލަ ބެއްލެވުމުގެ މަސައްކަތް ކުރިއަށްގެންދަވާފައިވެއެވެ. މި މައްސަލައިގައި ކޮމިޓީން ނިންމެވީ، މަޖިލީހުގެ އިދާރާގެ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީން، ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެއްގޮތަށް އަމަލުކުރުމަށެވެ.

އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިޓީ ކޮޓަރިތަކުގައި ކެމެރާ ހަރުކުރުމާއި، ކޮމިޓީ ބައްދަލުވުންތައް ވީޑިއޯކޮށް އަދި ވަގުތުން ދުރަށް ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމަށް ހުށަހަޅާފައިވާ ހުށަހެޅުން ކޮމިޓީން ބެއްލެވިއެވެ. މި މަޝްރޫޢަށް ދާ ޚަރަދު ކުޑަކުރުމުގެ ގޮތުން ހަމައެކަނި ކޮމިޓީ ރޫމް 1 ގައި ކެމެރާ ހަރުކުރުމަށް މެންބަރުން ނިންމެވިއެވެ. އަދި ހުށަހެޅުން އިތުރަށް ބައްލަވާ ދިރާސާކުރެއްވުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުޙުސިން ހަމީދް، އަދި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވާ ގޮތަށް ސަބް-ކޮމިޓީ ހޮއްވަވާފައިވެއެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު ސާލިހް، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީނު އަލީ، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުޙުސިން ހަމީދް، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުއެވެ . މާވަށު ދާއިރާގެ މެންބަރު އަބްދުއްޖަމާލް އަބޫބަކުރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް  ބައްދަލުވުމަށް ހާޒިރުވެފައިނުވާ އިރު، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު ހުންނެވީ ސަލާމުގައެވެ.