މިއަދުގައި ޖަލްސާގައި ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގައި، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއާއި ގުޅޭގޮތުން އަންގަވާފައިވާ އެންގުމަކާއި ގުޅިގެން އެކަން ބައްލަވައި، ތަޙްޤީޤުކޮށް އެ ތަޙްޤީޤުގެ އަލީގައި އެމަނިކުފާނުގެ މައްޗަށާއި އަދި އެ ކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކުގެ މައްޗަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވެވުންވެސް އޮތެވެ.

މިއަދުގެ ޖަލްސާގެ މެންދުރު ފަހުގެ ދަންފަޅީގައި ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ކޯރަމް ރަނގަބީލު ޖަހައި، 5 މިނެޓުވާއިރުވެސް، މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ޙާޒިރުވެވަޑައިނުގެންނެވުމުން 14:51 ގައި ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއެވެ. ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށްގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އަލްފާޟިލް މުޙައްމަދު ނަޝީދުގެ ރިޔާސީ ވެރިކަމުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފުވެފައިވާ ކަންކަން ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ބަލައި ތަޙްޤީޤުކޮށް ދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެގަވައިދުގެ 144 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރެއްވުމެވެ. މިއަދުގެ ޖަލްސާގައި މިޤަރާރަށް 13 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. މިއީ މިޤަރާރަށް ބަހުސްކުރައްވާ 3 ވަނަ ދުވަހެވެ.